ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވުމާ ގުޅިގެން، ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އިއްޔެގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައެއް މިނިސްޓަރުންނަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނެވެ.
އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް އެކަނި އެމްޑީޕީގެ 8 މެމްބަރަކު ވޯޓު ދެއްވިއެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުއާއި، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މި ދެ ބޭފުޅުން ތިން މިނިސްޓަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް ވޯޓު ދެއްވިއެވެ. އެ މެންބަރުން ރުހުން ދޭން ނުފެންނަކަމަށް ވޯޓު ދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވާރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން މިނިސްޓަރުންނަށް ރުހުން ދިނުމުން އެކަމަށް މަރުޙަބާ ކިޔައި ޝުޖާއު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް ހޯމް މިނިސްޓަރު އިހުސާނަށް އެމްޑީޕީގެ މެންބަރުން ތާއީދުކުރެއްވުމުން، ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަށް އިދިކޮޅުގެ ތާއީދު އޮތްކަން އެނގޭކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިނިސްޓަރު ޝުޖާއު ވިދާޅުވީ، ސިޔާސީ މަސައްކަތުގައި މިފަދަ ކޮލިޓީ ނުވަތަ ހެޔޮ ވިސްނުން ހުންނަންޖެހޭނެ ކަމަށާއި، އެމްޑީޕީގެ މެންބަރުންގެ ކިބައިން މިފަދަ ވިސްނުމެއް ފެނުމުން އުފާކުރައްވާ ކަމަށެވެ.


