ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ކޮންމެ ހަފްތާއެއްގެ ބުރާސްފަތު ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ޚާއްސަ ޕްރޮގްރާމެއް މިއަދު ފައްޓަވައިފިއެވެ.
ނޫސްވެރިންނާ ތަރުޖަމާނު ބައްދަލުކުރެއްވުމަށް ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން ތަރުޖަމާނު ވިދާޅުވީ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
”ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއް ވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މި އުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ“ ތަރުޖަމާނު ވިދާޅުވިއެވެ.



