ސަރުކާރުގެ އޮފީސްތަކުގެ ސިޔާސީ މަގާމުތައް މަދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ފެއްޓެވި ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ތަރުޖަމާނު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބަށްފަހު، ފެނިގެން މިދަނީ މުޅި ސަރުކާރުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑު ބަދަލެއް ގެންނަވާތަން ކަމަށެވެ.
”އެއީ އޮން-ގޮއިންގް ބަދަލުތަކެއް. އެ ބަދަލުގެ ތެރެއިން ވަޒީރުންގެ މަޖިލީހަށް ބަދަލެއް އައީ، ވުޒާރާތަކަށް ވެސް ބަދަލު އައީ، ވުޒާރާތަކުގެ އަދަދަށް އެކަންޏެއް ނޫން މެންޑޭޓަށް ވެސް ބަދަލު އައީ.“ ތަރުޖަމާނު މުޙައްމަދު ހުސައިން ވިދާޅުވިއެވެ.
މީގެއިތުރުން ތަރުޖަމާނު ވިދާޅުވީ، ދެން ފެނިގެން ދާނީ ސިޔާސީ މަގާމުތަކުގެ ރިވިއުއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ދެ ހަފްތާ ކުރިން ވިދާޅުވި ކަމަށެވެ.
އެގޮތުން ކޮންމެ އިދާރާއަކާއި މިނިސްޓްރީއެއްގައި ވެސް ތިއްބަވާ ސިޔާސީ މުވައްޒަފުން އިވޭލުއޭޓް ކޮށްފައި އެ މުވައްޒަފުންނަކީ އެ މަގާމުގައި ތިބުން ރަނގަޅު ބައެއްތޯ ބައްލަވަމުން ގެންދަވާނެ ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.




