ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީ ލަންކާ އަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ހަތް އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ނިންމަވާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް ލަންކާ އަށް ދަތުރުފުޅު ކުރައްވާނީ އަންނަ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށެވެ.
މިއަދު އަލަށް ފެށި ”ޕްރެސާ ވިތު ދަ ސްޕޯކްސް“ ގައި ތަރުޖަމާނު ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ ރަސްމީ މަޝްވަރާތައް ކުރާނެ ކަމަށެވެ.
މިހާރު ހަމަޖެހިފައި އޮތްގޮތުން މަދުވެގެން ހަތް އެއްބަސްވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ސޮއި ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތައް:
° ހަޔަރ އެޑިޔުކޭޝަން
° ޑިފެންސް ކޯޕަރޭޝަން
° ހާރިޖީ ދާއިރާ
° ސިއްހީ ދާއިރާ
° ކުޅިވަރާއި ޒުވާނުންގެ ދާއިރާ
”މިހެން ގޮސް ބައިވަރު ދާއިރާތައް އެބައޮތް. ވަކި ދާއިރާތަކުގެ އެމްއޯޔޫތަކެއް މި އަންނަނީ،“ އިސް ތަރުޖަމާން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމާއި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.


