ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާ ކެބިނެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓްގައި، މިނިސްޓަރުންނަށް ރުހުން ދޭން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދިން މައްސަލަ ހޫނުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އޭގެ ތެރެއިން ބައެއް ބޭފުޅުން މިއަދު މާފަށް އެދިވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ މިހާ ބޮޑަށް ހޫނުވީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިންނެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން ތާއީދުކޮށްފައި ވަނިކޮށް، މީކާއީލަށް ތާއީދުކުރައްވާ ބައެއް މެންބަރުން ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދޭން ވޯޓު ދިނުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗެއާޕާސަން ކަމަށް ގެންނަން ތާއީދުކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ މައްސަލަ ހޫނުކޮށްލާފައެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށާއި އެއީ ތާއީދުކުރާތީ ދިން ވޯޓެއް ނޫން ކަމަށެވެ. އަދި އެ ވަގުތު އެކަމާމެދު އެންމެ ފުންކޮށް ނުވިސްނައި އަމަލުކުރެވުނީތީ އިހުލާސްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން ވެސް އަޅުގަނޑު ދަންނަމެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން އަރުވަން“ ކުޑޫ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ މިނިސްޓަރު އިހުސާންއާއި އިތުރު މަދު މިނިސްޓަރުންތަކަކަށް ވޯޓު ދެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި މާފަށް އެދިވަޑައިގެންފައެވެ.
އެހެން ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ލ. މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވީ، ސަރުކާރުގެ ހަލާކަށް ވާނެހާ ބަޔަކު ކެބިނެޓުގައި ތިބުމަކީ 2028 ގެ ކާމިޔާބީއާ ޕާޓީ ގާތްކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މިއީ އަބަދުވެސް ޕާޓީން ގެންގުޅެފައި އޮތް ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.



