ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވައި ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސްގެ އިސްތަށިފުޅުގައި ޤަޛުފުގެ ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމަންޓްރީގެ ތަހުގީގަށް މިނިސްޓަރު އިހުސާން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، މިނިވަންކަމާ އެކު ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގު ނުހިންގޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ރޭ ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ”އެކްސް“ ގައި މިނިސްޓަރު ވިދާޅުވީ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިވަޑައި ނުގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަން ކުރެއްވި ގޮތަށް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.




