ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ޤުރުއާނާބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.
ނަމަވެސް މިފަހަރުގެ ޤައުމީ މުބާރާތް ބާއްވަނީ، އެ މުބާރާތުގެ އުސޫލަށް ބައެއް ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
ޤުރުއާނާބެހޭ މަރުކަޒުން ބުނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން އެޕްލައި ކުރެވޭނެ ކަމަށެވެ. އޮޑިޝަން ބުުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.
އެ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްސަދުގައި ކަމަށެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ގެނައި ބަދަލާއެކު 26 އަހަރު ނުފުރޭ، ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.
މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވާން އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.




