ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް ހޯދަން އިއުލާންކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ފޭކް ސްލިޕްތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރިކަމުގެ ތުހުމަތު އުފުލި އަދި ވައްކަމުގެ ދެ މައްސަލައެއްގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކޮށްފައިވަނީ، ޅ. ނައިފަރު، ސާތީ / އަނޫފް ޢަބްދުލްޣަނީ ގެ މައްޗަށެވެ.
އަނޫފް ޖަލަށްލާން ހުކުމް ކުރީ، މިދިޔަ އޮގަސްޓް މަހު، މާލޭ ފަތާ ޓްރެކް ކައިރިން ސްކޫޕީ ސައިކަލެއް ވަގަށް ނެގި މައްސަލައާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް އައިފޯނެއް ވަގަށް ނެގި މައްސަލައިގައެވެ. މި ހާދިސާގައި ވައްކަމުގެ ދެ މައްސަލައިގެ ޝަރިއަތް ކުރިއަށް ގެންދިޔައީ އެކުގައެވެ.
އެ މައްސަލައިގެ ޝަރީއަތުގައި އަނޫފް ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ވައްކަމުގެ ދެ ދައުވާއަށް އިއުތިރާފުވެފައެވެ.
ދައުވާއަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމި މި ދެ މައްސަލައިގެ ތެރެއިން، ސައިކަލު ވަގަށް ނެގި މައްސަލަގައި އިއްވާފައިވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އައިފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ.
ދެ މައްސަލައިގައި އިއްވި ހުކުމުން ވެސް ބައެއްވަނީ އިއުތިރާފުވުމުން ލުއިކޮށްދީފައެވެ. އަދި މި މައްސަލައިގައި ބަންދުކޮށްފައި ހުރި ދުވަސްތައް ހުކުމުން އުނިކުރާނެއެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް އަނޫފް ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ އަހަރެވެ. އެއީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރި މައްސަލައެކެވެ.



