މި މަހުގެ ތެރޭގައި މައްކާ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އެރުމުގެ ފުރުސަތު އޮތުމާއެކު، ކުރިއަށް އޮތް ހައްޖު މޫސުމުގައި ހައްޖާޖީން ސަމާލުވުމަށް ސައުދީއަރަބިއްޔާގެ ގައުމީ މީޓިއޮރޮލޮޖީ ސެންޓަރު (އެންސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
ސައުދީގެ ހުރިހާ ސަރަހައްދަކަށް އޭޕްރީލް މަހު ވިއްސާރަ ކޮށްފައިވީ ނަމަވެސް، މި މަހުގެ ތެރޭގައި ހޫނުމިން ބޮޑުތަނުން މައްޗަށްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެންސީއެމްއިން ހާމަކުރި ގޮތުގައި، މި މަހުގެ ފަހުކޮޅު ހައްޖު މޫސުން ފެށޭއިރު މައްކާ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ހައްޖުގެ އަޅުކަމަށް މައްކާއަށް ޒިޔާރަތްކުރާ ހައްޖާޖީން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ.
ހައްޖުވެރިން ހޫނުން ސަލާމަތްކުރުމަށްޓަކައި ސައުދީ ސަރުކާރުން މިހާރު ވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަރަމްފުޅުގެ ވަށައިގެން ހޫނު މަޑުކުރުމަށްޓަކައި ފެން ސްޕްރޭކުރާ ޒަމާނީ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ. މިއީ ގަދަ ހޫނުގެ ސަބަބުން ހައްޖާޖީންނަށް ދިމާވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގަދަ ހޫނުގެ ސަބަބުން ހައްޖާޖީންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ގަދަ ހޫނުގެ ސަބަބުން 1,300 އަށް ވުރެ ގިނަ ހައްޖުވެރިން މަރުވެފައިވެއެވެ. އަދި 2023 ވަނަ އަހަރު 240 ހައްޖުވެރިން މަރުވެފައިވާއިރު، އެ އަހަރު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި މީހުންގެ އަދަދު 10,000 އަށް އަރައެވެ.
މީގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.



