ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ކޮންމެ ރެއަކު ބާއްވަމުންގެންދާ އެއްވުންތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ތަކުރާރުވާނަމަ، އެ ޕާޓީއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުވެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެރިވެރި ފަރާތް ކަމަށްވާ އީސީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45ވަނަ މާއްދާގެ (ޅ) ގެ ދަށުން އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ، ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.
އެގޮތުން ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގައި ހުއްދަކުރާ ޤާނޫނުގެ ތެރެއިން އަމަލު ކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް އީސީން ބުނެފައިވެއެވެ.
”ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސް އެޅޭފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއް ކަމުގައި ދަންނަވަން.“ އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އީސީން ބުނީ، ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ޤަަނޫނާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން އަންނަކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދައިން އަމަލުތައް ނުހިންގުމަށް އީސީން އެ ޕާޓީއަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެ ކޮމިޝަނަށް ހާޒިރުވާން ދައުވަތު ދިން ނަމަވެސް، އީސީއަށް ހާޒިރުވާން ޕީއެންއެފް އިން އުޒުރުވެރިވެފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންކަމުން އެފަދަ ކަންކަން އިރުރަށް ތަކުރާރުވަމުންދާނަމަ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އީސީން ޕީއެންއެފްއާ ދެކޮޅަށް އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.



