ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި އެވެ.
ފުލުހުން ބުނީ ރޭ 22:30 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މިކަން ފާހަގަވެފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަކަށެވެ. އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިކަމާ ގުޅިގެން، އުޅަނދު ޓޯކުރުމުގެ އިތުރުން ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.



