ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޝްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކޮލޮމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސްގެ އަނބިކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، އެ ހޮސްޕިޓަލުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ.
މީގެއިތުރުން ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވާފައި ވެއެވެ.
މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މެހްމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވައި، ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުން ކުރައްވަމުން ގެންދަވާ ހަރުދަނާ، ވިލުންތެރި މަސައްކަތްތަކަށް ފަސްޓްލޭޑީ ސާޖިދާ، ތަޢުރީފު ކުރައްވާފައިވެއެވެ.
ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ، ޝްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލެވެ.



