ބަނޑުހަރުވުމަކީ ވޭންދެނިވި އުނދަގޫދެނިވި ކަމެކެވެ. އެއީ މުޅިމީހާއަށް އޭގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުމާއި ހަމަނުޖެހުން އިހުސާސް ކުރުވާ ކަމެއްވެސްމެއެވެ. ކާތަކެތި ހަޖަމުވެ، އޭގެއިން ހަށިގަނޑަށް ބޭނުންވާ ސާމާނު ނެގުމަށްފަހު ބޭކާރުވެ ކުންޏަށްވާ ބައި ހަށިގަނޑުން ބޭރު ނުވަންޏާ އެއީ އުނދަގޫ ވާނެ ކަމެއްކަން ވިސްނާލުމުންވެސް އެނގޭނެއެވެ.
މިއީ ވަރަށް ގިނަ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ، އަދި މިކަން މިހެން ދިމާވަނީ ސަބަބުތަކެެއް ނެތިވެސް ނޫނެވެ. މިއީ ކާތަކެތީގެ ސަބަބުންނާއި ފެންމަދުވުމުން އަދި ހަރަކާތްތެރިވެ ހިނގާ، ކަސްރަތުކުރުން ފަދަ ކަންކަމާ ދުރުހެލިވުމުންވެސް ބޮޑުކަމު ދިއުމަށް ދަތިވާ ގޮތްވެއެވެ. އަދި މިގޮތަށް ބަނޑުހަރުވުމަކީ މީހާއަށް ނަފުސާނީގޮތުން އުނދަގޫ ކުރިމަތިވާ ކަމެއްވެސްމެއެވެ.
ބަނޑުހަރުވެ، ބޮޑުކަމު ދިއުމަށް އުނދަގޫވާ ފަރާތްތަކަށް ބޭނުން ކުރާނެ ބުއިމެއް ތައްޔާރުކޮށްލަމާ ހިނގާށެވެ. މި ބުއިމަކީ ޔަގީނުންވެސް ބަނޑުހަރުވުމުގެ މައްސަލަ އިސާހިތު ރަނގަޅުވެ ބަނޑުތެރެ ހަމަޖެހި، ބަނޑުގައި ހުރި ބޭކާރު ކުނި، ނަޖިހުގެ ބާވަތްތަައް ހަށިގަނޑުން ބޭރުކޮށްލަދޭނެ ބުއިމެކެވެ. މިއީ ހަމަ އެއްވަނައިގެ މުޖައްރިބު ފަރުވާއެކެވެ.

-
މި ބުއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތީގެ ފައިދާތަކަށް ބަލާލާއިރު:
-
ފަޅޯ
ފަޅޮލަކީ އަބަދުވެސް ހަޖަމުކުރުމުގެ ނިޒާމުގައި ދިމާވާ ދަތިކަން ހައްލު ކުރުމަށް އެހީވެދޭ ކަމަށް ޒަމާނުއްސުރެ މަޝްހޫރު މޭވާއެކެވެ. ފަޅޮލުގައި ހަޖަމުކުރާ އެންޒައިމްތައް ގިނަ އެވެ. ގިނަ އަދަދަކަށް ފައިބަރު އަދި ބައެއް ފްރުކްޓޯޒް ވެސް އެކުލެވިގެންވެއެވެ. އެހެންކަމުން ފަޅޮލުގެ ސަބަބުން ބައެއް މީހުންނަށް ލެކްސެޓިވް އިފެކްޓެއް ވެސް ކުރިމަތިވެދާނެއެވެ. މާނައަކީ ބައެއް މީހުންނަށް މާގިނައިން ފާހާނާއަށް ދެވޭ ގޮތްވެސް ވެދާނެއެވެ.

-
ސްޓްރޯބެރީ
ސްޓްރޯބެރީ ފަދަ ފައިބަރު ގިނަ ކާނާ، ބަނޑުގެ ހަރަކާތްތައް ގަވާއިދުން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ، ފައިބަރުގެ ސަބަބުން ބަނޑުގެ ނިޒާމުގެ ތެރެއިން ”ހަށިގަނޑުން ބޭރުކުރަން ޖެހޭ ނަޖިހުގެ ބައިތަކުގެ ހަރަކާތް އަވަސްކޮށް، ފަސޭހަކަމާއެކު ފާހާނާއަށް ދިއުމަށް އެހީތެރިވާއިރު، ގިނައިން އަވަހަށް ބަނޑުހައިވުމުން ވެސް ދުރުކޮށްލައެވެ. އެހެންނަމަވެސް ފައިބަރު ހުންނަ މިފަދަ ތަކެތި ކެއުމަކީ ގިނައިން ފެންވެސް ހަށިގަނޑަށް ބޭނުންވާ ކަމެކެވެ. ސަބަބަކީ މީގެ އަސްލު ބޭނުން ފުދެނީ ގިނައިން ފެން ބުއިމުން ކަމަށްވާތީއެވެ.

-
އަލަނާސި
އަލަނާސީގައި ހިމެނޭ އެންޒައިމްތަކުގެ ސަބަބުން ބަނޑުގައި ހުންނަ ޕްރޮޓީނަށް އޭގެ ދައުރު އަދާކުރުމަށާއި ހަޖަމު ކުރެވޭ ކާތަކެތިން ބޭކާރުބައިތައް ހަށިގަނޑުން ބޭރަށް ދިއުމަށް އެހީތެރިވެދެއެވެ. އަދި އޭގެ ސަބަބުން ބަނޑުހައިވުމާއި ގޭސް އުފެދުމާއި ފަލަވުން ކުޑަކޮށްދެ އެވެ. ބްރޮމެލެއިންގައި އެންޓިބެކްޓީރިއަލް ބައިތައް އަލަނާސީގައި އެކުލެވިގެންވާ އިރު، މިއީ އީ ކޯލީ ފަދަ ޑައިރިއާ އުފައްދައިދޭ ބެކްޓީރިއާތަކުން ބަނޑު ސަލާމަތްކޮށްދޭ ބާވަތެއްވެސް މެއެވެ.

-
އޯޓްސް
އޯޓްސް އަކީވެސް ފައިބަރުން މުއްސަނދި ބާވަތެކެވެ. އެހެންކަމުން އޯޓްސް ކެއުމުން ބަނޑުތެރެ ހަމަޖެހި ހަޖަމުވުމަށް ފަސޭހަކޮށްދޭއިރު، ހަށިގަނޑުން ބޭރުވާން ބޭނުންވެފައިވާ ބޭކާރު ނަޖިހުގެ ބައިތައް ހަރުވެ، ހަށިގަނޑުން ބޭރަށް ފޮނުވުމަށް ދިމާވާ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ. އަދި ބޮޑުކަމު ދިއުމަށް އުނދަގޫވުން ނައްތާލައި ފަަސޭހައިން ފާހާނާއަށް ދިއުމަށް އެހީތެރިވެދެއެވެ.
-
މިބުއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 1 ފަޅޯ (އެއްފަޅި)
- 1 އަލަނާސި ފޮތި
- 3 ސްޓްރޯބެރީ
- 3 ސައިސަމުސާގެ އޯޓްސް
- 1/2 ތަށި ކިރު
- 1 ތަށި ފެން
-
ތައްޔާރު ކުރާނެ ގޮތް
ފަޅޯ، އަލަނާސި، ސްޓްރޯބެރީ ކޮށާލުމަށްފަހު މިކްސްޗަރަށް އަޅާލާށެވެ. އޯޓްސްވެސް އަޅާށެވެ. ކިރާއި ފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
އަދި ތަށްޓަކަށް އެޅުމަށްފަހު ބޯލާށެވެ، ބޭނުންނަމަ މާމުއި ސަމުސަލެއް އެއްކޮށްލާށެވެ.
ކޮންމެ ދުވަހަކު ހެނދުނު ނުވަތަ މެންދުރުވިޔަސް ކޮންމެ ދުވަހަކުވެސް އެއްފަހަރު ކެއުމުގެ ބައިގަޑިއެއްހާ އިރު ކުރިން މި ޖޫސް ބުއިން ރަނގަޅެވެ، އިސާހިތު ހެޔޮ ނަތީޖާ ފެންނާނެކަމާމެދު އެއްވެސް ޝަައްކެއް ނެތެވެ.




