މީގެ 14 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި ދަށު ކޯޓުން މަރަން ހުކުމް ކޮށްފައިވާ ކުޑަކުއްޖާގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ގ. ވޭރު، މުހީތު ހުއްޓާ ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އޭގެ ތެރެއިން އެއް ކުއްޖަކާ ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ގޮތް ކަނޑައަޅައިފަ އެވެ.
އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ އެ ކުއްޖާއަށް އިއްވި މަރުގެ ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކުރި އެވެ. އެހެންވެ، އެ ހުކުމް ނިހާއީ ހުކުމެއް ކަަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި އެވެ. ނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅިގެން އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމިއެވެ.
އެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އަދި އެ ކުއްޖަކަށް 18 އަހަރުވުމަށްފަހު ވެސް މަރުގެ އަދަބު ނުދެވޭނެ އެވެ.
ގާނޫނުގައި އެގޮތަށް ކަނޑައެޅުމުން އަދަބު ބަދަލުކޮށްދޭން ޖުވެއިނައިލް ކޯޓުގައި ދައުލަތުން އެދުނެވެ. ނަމަވެސް، އެ ކޯޓުން ނިންމާފައިވަނީ މަތީ ކޯޓަކުން ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެ ކޯޓަށް އަދަބު ބަދަލު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ކުއްޖާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
އޭނާ ހުށަހަޅާފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ކުޑަކުދިންގެ އަދުލުގެ ގާނޫނާ ހިލާފް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދައުލަތުން ބުނެފައިވަނީ އެ ހުކުމަކީ އެ ގާނޫނުގެ ކުރީގެ ހުކުމަކަށް ވާތީ، ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ނުބުނެވޭނެ ކަމަށެވެ. ނަމަވެސް ގާނޫނު އޮތްގޮތުން މަރުގެ އަދަބު އެ ކުއްޖާގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ.



