މިދިޔަ އޮގަސްޓް މަހު ސިނަމާތަކުގައި އެޅުވުމަށްފަހު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު ’އާވާރާޕަން 2‘ އިއްޔެ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފިއެވެ.
މިދިޔަ އޮގަސްޓް 14 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ 2007 ވަނަ އަހަރު ނުކުތް މަގުބޫލު ކްރައިމް ޑްރާމާ ’އާވާރާޕަން‘ ގެ ސީކްއެލްއެކެވެ.
ކުރީގެ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައިވެސް އިމްރާން ފެނިގެންދަނީ ޝިވަމް ޕަންޑިތުގެ ކެރެކްޓާއިންނެވެ. ވިޝޭޝް ފިލްމްސްގެ ބެނާގެ ދަށުން ވިޝޭޝް ބަޓް ޕްރޮޑިއުސްކުރި މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ނިތިން ކައްކަރް އެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމުގައި އިމްރާނާ އެކު ބަތަލާގެ ރޯލުން ފެނުނީ ޝްރިޔާ ސަރަން ނަމަވެސް، މި ފަހަރުގެ ފިލްމުން ބަތަލާގެ ރޯލުން ފެންނަނީ ޑިޝާ ޕަޓާނީ އެވެ.
މިއީ އިމްރާން އަދި ޑިޝާގެ ޖޯޑު ބޮޑު ސްކްރީނުން އެކީގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މަހާ ބަތަލާ ޝަބާނާ އާޒްމީ ވެސް ވަނީ މުޅިން އަލަށް ނެގަޓިވް ރޯލަކުން މި ފިލްމުގައި ފެނިގެން ގޮސްފައެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމަށް އެޑްވާންސް ބުކިންގްސްގެ ގޮތުގައި 8 ކްރޯޑް ރުޕީސްއަށް ވުރެ ގިނައިން ލިބުނުއިރު، ފުރަތަމަ ވީކެންޑުގައި އެކަނިވެސް 81 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދިއެވެ. އަދި ފުރަތަމަ ހަފުތާ ނިމުނުއިރު އިންޑިއާގެ އެތެރޭގެ މާކެޓުން ވަނީ 113.50 ކްރޯޑް ރުޕީސް ގެ ނެޓް އާމްދަނީއެއް ހޯދައިފައެވެ.
މިއީ އިމްރާން ހާޝިމީގެ ފިލްމީ ހަޔާތުގައި 100 ކްރޯޑް ރުޕީސްގެ ކްލަބަށް ވަން ފުރަތަމަ ފިލްމެވެ. މީގެ ކުރިން އޭނާ ސޯލޯ ލީޑް ރޯލު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ 70 ކްރޯޑް ރުޕީސް ހޯދި ’ރާޒް 3′ އެވެ. އަދި އަޖޭ ދޭވްގަންއާ އެކު ފެނިގެންދިޔަ ’ބާދްޝާހޯ’ އަށް ލިބުނީ 82 ކްރޯޑް ރުޕީސްގެ ނެޓް އާމްދަނީއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ނިމިގެންދާ ގޮތުން މި ފްރެންޗައިޒްގެ އިތުރު ބައެއް ނެރުމުގެ ފުރުސަތު ބޮޑެވެ.



