އަވަށްޓެރި ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ”މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް“ އާއެކު، ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބެމުންދާ ސަމާލުކަން ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ ސްރީލަންކާގައި ބޭއްވުނު މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭއްވި 10 ވަނަ ބައިނަލްއަގުވާމީ އިންވެސްޓްމަންޓް އަދި ބިޒްނަސް ފޯރަމް ކަމަށެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މި ފޯރަމްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނައީ ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާގެ ކުންފުނިތަކާއި، ވިޔަފާރިވެރިންގެ އިތުރުން ސަރަހައްދީ ފެންވަރުގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މި ފޯރަމަށް ސްރީލަންކާއާއި އަވަށްޓެރި ގައުމުތަކުގެ މީޑިއާތަކުން ބޮޑު ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މީގެ ސަބަބުން ރާއްޖެއަކީ އިންވެސްޓް ކުރުމަށް ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް މަގުބޫލުވެގެން ގޮސްފައިވާ ކަމަށެވެ.
ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކޮށް ވަރުގަދަކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިންވެސްޓްމަންޓް ގާބިލުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތްތަކަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، އިންވެސްޓްމަންޓް އުސޫލުތައް ލުއިފަސޭހަކުރުމާއި، އިގުތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގުވާމީ އިގުތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަންކަމެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މި ސަރުކާރުން ފެށި މި ސިލްސިލާ ފޯރަމްތަކުން ދޭހަކޮށްދެނީ ރާއްޖެއަކީ ދުނިޔޭގެ އިންވެސްޓަރުންނަށް ވާދަވެރި އަދި ފަސޭހައިން ވަދެވޭނެ މަންޒިލަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކެވެ.



