ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އެޕްލިކޭޝަން އެޕް ސްޓޯރުން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށާއި، މި ހަފްތާ ނުވަތަ އަންނަ ހަފްތާ އެ އެޕްލިކޭޝަން ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއާ ހަވާލާދީ އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ބޭނުންކުރާ ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި، އެއާ އެކު އެމްޓީސީސީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކުރަމުން އަންނަ ކަމަށެވެ.
އެންމެ މައްސަލަ ކުޑަކޮށް ހިދުމަތް ދެވޭނީ ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކާރު ހޯދަން ގުޅައިގެން ކާރު ލިބުމާ ހަމައަށް އެވްރެޖުކޮށް 8.4 މިނެޓު ހޭދަވޭ. އެވްރެޖުކޮށް ދަތުރެއްގެ ދިގުމިނަކީ 12.2 މިނެޓު“ ޓްރާންސްޕޯޓު މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ މަހުގެ 13 އިން 18 އަށް 11،128 ސަރުކާރުގެ ޓެކްސީ ލައިން ބޭނުންކޮށްގެން ދަތުރު ކުރި ކަމަށާއި އެ ހިދުމަތް ފެށި ދުވަހުން ފެށިގެން މިހާތަނަށް އެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް %50 އިތުރު ކަމަށެވެ.


