ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަވައްޓެރި ސްރީލަންކާއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅަކީ ދެ ރައީސުންގެ މަސައްކަތްޕުޅުން މުސްތަގުބަލަށް އާ މަގެއް ކޮށިގެންދިޔަ ދަތުރެއް ކަމަށް ދިވެހި ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ އެމްއެމްޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ރައީސްގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދުގައި ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަކަމަށާއި، ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް އެގައުމަށް ފުރަމާނަ ދަތުރުފުޅުގައި ވަޑައިގެންނެވި ނަމަަވެސް، ރައީސްގެ ދަތުރުފުޅަކީ ނަތީޖާއާއި ކުރެއްވި މަސައްކަތްޕުޅުގެ ގޮތުން ތަފާތު ދަތުރުފުޅެއް ކަމަށް މުންދު ވިދާޅުވިއެވެ.
އެގޮތުން މުންދު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގާތް ޒަމާންވީ ގުޅުން މުސްތަގުބަލަށް ގެންދާނެ އައު މަގެއް ފަހިވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވީ ދެ ގައުމުގެ ރައީސުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ މެދުގައި ގާތް ގުޅުމެއް އޮތުމާއެކު، ދެ ބޭފުޅުންވެސް ދެ ގައުމުގެ ގުޅުން ބައްޓަންކުރައްވަން ބޭނުންފުޅުވާ ގޮތްތައް ވަރަށް އެއްގޮތެވެ.
”އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޑރ.މުހައްމަދު މުއިއްޒާއި ސްރީލަންކާގެ އައު ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާ ދެ ބޭފުޅުން ދެ ރައީސުންގެ މެދުގައި ދެކެވުނު ވާހަކަތަކުން، ރަސްމީ ހައިސިއްޔަތުންނާއި، އަދި ވޭތުވެދިޔަ ދެ އަހަރެއްހައި ދުވަހު ނުރަސްމީ ހައިސިއްޔަތަކުންވެސް ދެ ބޭފުޅުންގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ދެކެވުނު ވާހކަފުޅުތަކާއި ކުރެވުނު މުއާމަލާތްތަކެއް ހުންނާނެ. ދެ ބޭފުޅުންގެ ހިޔާލު އެއްގޮތް ކަންކަން ވަރަށް ގިނަ. ދެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ އަޅުގަނޑުމެންގެ މިއޮތް ބަދަހި ގުޅުން ވަރަށް ގިނަ ގޮތްގޮތުން އެބަ ތަންދޭކަން ގަބޫލުފުޅުކުރައްވާ އައު މިސްރާބަކަށް ގުޅުން ގެންދަން،“ މުންދު ވިދާޅުވިއެވެ.
ސްރީލަންކާއާ ގާއިމުކުރެވުނު އެމްއޯޔޫތަކަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވީ ފަތުރުވެރިކަމުގެ ފަހުމުނާމާއެއް ގާއިމުކުރެވުނުއިރު، ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާއިރު ލަންކާއަކީ ފަތުރުވެރިކަމުގައި ކުރިއަރުމުންދާ ގައުމެއް ކަމަށެވެ. ރާއްޖެއާއި ލަންކާއިން ފަތުރުވެރިންްނަށް ވިއްކާ ތަޖުރިބާތަކުގައި ތަފާތުތަކެއް ހުރުމާއެކު ދެ ގައުމު ގުޅިގެން މަަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ދެ ގައުމަށްވެސް މަންފާ ހާސިލުވާނެކަން ދެ ރައީސުންވެސް ގަބޫލުކުރައްވާކަމަށް މުންދު ވިދާޅުވިއެވެ.



