ޑޮލަރުގެ މުއާމަލާތްތަކުގެ ތަފާސްހިސާބުން ފެންނަނީ ވިޔަފާރި އިތުރުވާތަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބީއެމްއެލް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ ޓެލެގްރަފިކް ޓްރާންްސްފާ (ޓީޓީ)ގެ ގޮތުގައި ބީއެމްއެލް އިން މަހަކު ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ ވެފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޓީޓީއަށް ދޫކުރި ފައިސާގެ އަދަދު 136 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބީއެމްއެލް އިން ސަރުކާރަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ބީއެމްއެލްއާ ހަވާލާދެއްވައި އޭނާ ވިދާޅުވީ މިދިޔަ އަހަރު، މުޅި އަހަރުގެ ތެރޭގައި ޓީޓީއަށް ދޫކުރީ 175 މިލިއަން ޑޮލަރު ކަމަށެވެ.
”މަހެއްގައި 2025 ވަނަ އަހަރު ޖެހިފައި މި އިންނަނީ، ބީއެމްއެލް އިން މައުލޫމާތު ދެއްވި ގޮތުގައި 15 މިލިއަން ޑޮލަރު، ކުދި ވިޔަފާރިތަކަށް ޓީޓީއަށް އިނގޭތޯ. މި އަހަރުގެ މިހާ ހިސާބަށް އައިއިރުގައި މަހަަކަށް އެބަ ޖެހެޔޭ 34 މިލިއަން ޑޮލަރު، އެހެންވީމާ ގާތްގަނޑަކަށް ޑަބަލް އަށް ވުރެ ވެސް ގިނަވެފައޭ މިހިރީ ޓީޓީ ހެދި ފައިސާ، ބޭރުފައިސާގެ އަދަދު،“ ސައީދު ވިދާޅުވި އެވެ.
އެ މުއާމަލާތްތަކުގެ އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް ވިޔަފާރިތަކުން 10،838 ޓީޓީ ހެދި އެވެ. ފެބުރުއަރީ މަހު 10،551 ޓީޓީ، މާޗް މަހު 10،600 ޓީޓީ އަދި އޭޕްރިލްމަހު 8،955 ޓީޓީ ވިޔަފާރިތަކުން ހެދި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.




