ކަރަންޓު ޚަރަދު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
”ޕްރެސާ ވިތު ސްޕޮކްސް“ ގައި މިއަދު ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ކަރަންޓުގެ ބޮޑު އިންސައްތައެއް ޖެނެރޭޓު ކުރަނީ ޑީސަލް ޖެނެރޭޓަރުން ކަމަށާއި އޭގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.
”ވަޔަރިންގް ރަނގަޅިއްޔާވެސް ކަރަންޓު ބިލު ކުޑަވޭ. އެހެންވީމަ ސީޒަނަލް މައްސަލައެއީ އެއް މައްސަލަ، ޖެނެރަލް އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަކީ ވެސް މުހިންމު ކަމެއް. އެއަށްވުރެ ވެސް ބޮޑަށް މި ސަރުކާރުން އިސްކަމެއް ދެއްވަނީ މިކަމަށް ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދޭތޯ“ ތަރުޖަމާނު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޚާއްސަކޮށް ކަރަންޓަށް ބޭނުންކުރެވޭ ހަކަތައަކީ ޑީސަލް ކަމަށްވާތީ، އިޔާދަކުރަނިވި ހަކަތަ އިތުރު ކުރެވޭތޯ މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ދެ އަހަރުކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ތަސައްވުރެއް ހާމަކުރައްވާފައެވެ. އެއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ކަރަންޓު ބޭނުން ކުރުމަށްޓަކައި، ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.
މިއަދުގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ، އެގޮތުން ވަކި ސަރަހައްދުތަކެއް ”އައިޑެންޓިފައި“ ކޮށްގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.




