ވިލިމާލޭގައި ތަރައްޤީކުރާ ސޯޝަލް ހައުސިންގ ޓަވަރުތަކުގެ ތެރެއިން 1 ޓަވަރު ވިލިމާލެ ސްޓެލްކޯ ސައިޓް ސަރަހައްދުގައި ތަަރައްޤީކުރުމަށް ނިންމައިފިއެވެ.
ހައުސިންގް މިނިސްޓްރީން މިފަދައިން ނިންމާފައިވަނީ ވިލިމާލޭގައި ތަރައްޤީކުރާ ފްލެޓްތައް ހިމެނޭ 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީއެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ދެ ޓަވަރެއް އެޅުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ. އަދި ތިންވަނަ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދާ ކައިރީގައެވެ.
ވިލިމާލޭގައި އިމާރާތް ކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ، ބޮޑެތި ފުނަގަސް ނުކަނޑައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.
ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އަޅާނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



