މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ، ޑުރަގު ކެފޭއެއް ބަންދުކުރުމަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު މި އަމަރުގެ ދަށުން ބަންދުކޮށްފައިވަނީ ހ. ގުންޒަރު އެވެ. އެ ތަން ބަންދުކުރުމަށް މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފައިވަނީ، 90 ދުވަހަށެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ކޯޓު އަމުރަކާ ނުލައި 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ މަސްތުވާތަކެއްޗާބެހޭ ގާނޫނޫ އިސްލާހުކޮށް އަމަލުކުރަން ފެށީ މިދިޔަ މާރިޗު މަހުގެ 7ވަނަ ދުވަހުއެވެ. ފުލުހުން ނޯޓިސް ދީފައިވާ މިފަދަ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރަން އަމުރު ނެރުމުގެ ބާރު މި ގާނޫނުގެ ދަށުން ކޯޓުތަކަށް ލިބެއެވެ.
މި ގާނޫނުގައި ވާގޮތުން:
° މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު ގިނަވެގެން 100،000ރ.ގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެއް
° މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަން އެނގިހުރެ އެކަން ހިނގިޔަ ދިނުމަކީ އެ ތަނެއްގެ ވެރިފަރާތާއި ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ވެސް ކުށްވެރިވާނެ ކަމެއް؛ މި ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވޭ
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ބުނީ، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.




