ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން ފިރިހެނުންގެ ނިސްބަތަކީ އެންމެ އަށެއް އިންސައްތަކަން ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ޖުމްލަ 3،907 ނަރުހުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ނަރުހުންގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން ޖުމްލަ ނަރުހުންގެ ތެރެއިން 3،593 މީހުންނަކީ އަންހެނުންނެވެ. އެއީ ޖުމްލަ އަދަދުގެ 92 އިންސައްތައެވެ. އަދި ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. މިއީ ނަރުހުންގެ ޖުމްލަ އަދަދުގެ އެންމެ އަށެއް އިންސައްތައެވެ.
ނަރުހުން ރާއްޖޭގައި ބެހިފައިވާ ގޮތަށް ބަލާއިރު، ގިނަ ނަރުހުން މަސައްކަތް ކުރަނީ މާލޭ ސަރަހައްދުގައެވެ. އެގޮތުން 1،989 ނަރުހުން (51 އިންސައްތަ) މާލޭގައި މަސައްކަތް ކުރާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި މަސައްކަތް ކުރަނީ 1،918 ނަރުހުން (49 އިންސައްތަ) އެވެ.
މީގެއިތުރުން، 2024 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތުގައި ތިބި ނަރުހުންގެ ތެރެއިން 2،503 މީހުންނަކީ ދިވެހި ނަރުހުންނެވެ. ބާކީ ތިބި 1،404 ނަރުހުންނަކީ ބިދޭސީންނެވެ.
މަސައްކަތްކުރާ މުއައްސަސާތަކަށް ބަލާއިރު، ނަރުހުންގެ ބޮޑު އިންސައްތައެއް މަސައްކަތް ކުރަނީ ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައެވެ. އެގޮތުން 3،291 ނަރުހުން (84 އިންސައްތަ) ސަރުކާރުގެ ތަންތަނުގައި މަސައްކަތް ކުރާއިރު، އަމިއްލަ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަނީ 616 ނަރުހުން (16 އިންސައްތަ) އެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ސިއްހީ ނިޒާމުގައި ނަރުހުންގެ ދައުރު ފުޅާކޮށް، އެމީހުންގެ ހިދުމަތުގެ އަގުވަޒަންކުރުމެވެ. އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ ”އަވަރ ނަރސެސް، އަވަރ ފިއުޗަރ، އެމްޕަވަރޑް ނަރސެސް، ސޭވްސް ލައިވްސް“ އެވެ.



