މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ ޑޮލަރުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.
މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު މިއީ 373،600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ބޭންކުން ބުނީ، މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިޔަން ޑޮލަރުގެ ބޭރު ފައިސާ ދޫކޮށްފައިވާކަމަށެވެ. މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރެވެ. މިއީ 2025ވަނަ އަހަރުގެ މަހެއްގެ އެވްރެޖާއި އަޅާބަލާއިރު %31ގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ކޮށްފައިވާ ހޭދައަށް މަހަކަށް އެވްރެޖްކޮށް 37 މިލިޔަން ދޮލަރު ހޭދަކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ %15 އިތުރު އަދި 2022 ވަނަ އަހަރުގެ އެވްރެޖާއި އަޅާބަލާއިރު ގާތްގަނޑަކަށް 3 ގުނަ އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ 9 މަސްދުވަހު ދިވެހި ރުފިޔާއިން ކޮށްފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ކުރެވުނު ޖުމްލަ ހޭދައަކީ 336 މިލިޔަން ޑޮލަރުކަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެެވެ. އެގޮތުން އީ-ކޮމާސް ވިޔަފާރިތަކަށް 208 މިލިޔަން ޑޮލަރު، ޕީއޯއެސް މުއާމަލާތްތަކަށް 93 މިލިޔަން ޑޮލަރު އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނަގާފައިވާ ނަގުދު ފައިސާ 34 މިލިޔަން ޑޮލަރަށް އަރާކަމަށް ބީއެމްއެލްއިން ބުންޏެވެ.



