ދެކުނު އެމެރިކާގައި އޮންނަ ބްރެޒިލް ގެ ރިއޯ ގްރާންދޭ ސްޓޭޓައް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 161 އަށް އަށް އަރައިފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން ރިއޯ ގްރާންދޭއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ސްޓޭޓުގެ 464 ސިޓީގައި ދިރިއުޅޭ 2 މިލިއަން އަށް ވުރެ ގިނަ ރައްޔިތުންނަށް މިވަނީ އަސަރުކޮށްފައެވެ.

މި ކާރިސާ އާއި ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 530،000 އަށް ވުރެ މައްޗައް އަރާފައިވާއިރު، މިހާތަނަށް ވީނުވީ އެއް ނޭނގި 85 މީހަކު ގެއްލިފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ކާރިސާގައި އަނިޔާވި މީހުންގެ އަދަދު 800 އަށް ވުރެ ގިނަ ކަމަށްވެސް މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.

އަދި ކުރިޔަށް އޮތް ތަނުގައިވެސް މި އަދަދު ތައް މައްޗަށް އަރަމުން ހިނގައިދާނެ ކަމަށް ބްރެޒިލްގެ މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރެއެވެ.
އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މި ކާރިސާގެ އަސަރުކޮށްފައިވާ 82،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ.



