މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން، ދައުލަރުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ދުނިޔޭގެ އެންމެ ރަނގަޅަށް މިކަން ކުރާ ގައުމުތަކުގަ، އެއީ ސިންގަޕޫރު ދުބާއީ ފަދަ ގައުމުތަކުގަ. ސިންގަޕޫރުގަ ގަވެސް މިވަގުތު ހުރީ އެއްވެސް ވަރަކަށް ގޮތް ނޭނގޭ މީހުން ނުވަތަ ގަވާއިދާ ޚިލާފަށް އެގޮތަށް އުޅޭ މީހުންގެ އަދަދު މިވަގުތު މި ބަލަހައްޓަނީ. އަޅުގަނޑުމެން މިހާރު 2 ޕަސެންޓަށް މި ވެއްޓުނީ. އެއްވެސް ވަރަކަށް ދައުލަތަށް ނުފެނި، ޑޮކިއުމެންޓްތައް ދިމާނުވާ މީހުން، އޭތި 1 ޕަސެންޓަށް ދަށްކުރުން ޓާގެޓަކީ“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ވާނުވާ ނޭނގޭ ތިންލައްކައެއްހާ ބިދޭސީން ރާއްޖޭގައި ތިބިކަމަށެވެ. ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިމަހުގެ 1ގެ ނިޔަލަށް %98 މީހުންގެ ބަޔޯމެޓްރިކްސް ނެގިފަވާކަން ފާހަަގަކުރެއްވިއެވެ.




