ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން އަންނައިރު، މާދަމާއާ ހަމައަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.
މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.
މި ވިއްސާރަ އަލިވާން ފަށާނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށާއި މިގޮތުން، ހަފުތާ ބަންދުގައި ވާރޭ ވެހޭ މިންވަރު ކުޑަކޮށް މަދުވެދާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
”މާދަމާއާ ހަމައަށް މި ވިއްސާރަ (ދިގުދެމިގެން) ދާނެ މުޅި ރާއްޖެއަށް. ޖުމްލަކޮށް ވެސް ވިއްސާރަކޮށް އުޅެނީ މުޅި ރާއްޖެއަށް ވެސް“ މެޓުން ބުނެފައިވެއެވެ.
މާދަމާއާ ހަމައަށް ވިއްސާރަ ކުރާއިރު، މުޅި ރާއްޖެއަށް ވައި ޖެހޭ މިންވަރު ވެސް މަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް މެޓުން ބުނެއެވެ.
މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ، ހުޅަނގާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނީ، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ.




