މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހާ ގުޅިގެން، މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ދާދި ދެންމެއަކު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ، މި މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވީ އަޟްހާ ޢީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެދުނުކެނޑޭނެ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޢީދު ބަންދަށްފަހު ސަރުކާރުގެ އިދާރާތައް ދެން ހުޅުވޭނީ (ކަލަންޑަރުގައިވާ ގޮތަށް) 31 މެއި ވާ އާދީއްތަ ދުވަހުއެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. އަދި އަޟްހާ ޢީދުގެ ފުރަތަމަ ދުވަހަކީ މި މެއި މަހުގެ 27 ވަނަ ދުވަހެވެ.




