އެމްޑަބްލިޔުއެސްސީ ބޯޑުގެ ޗެއާކަމުގެ މަގާމުން ޝަމްހޫޒާ އަޙުމަދު މިއަދު ވަކިކޮށްފިއެވެ.
ސ. ފޭދޫ ނާޒުކީގެ، ޝަމްހޫޒާ ވަކިކުރީ މިއަދުގެ ވަގުތެއްގައެވެ. ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނި ގޮތުގައި އޭނާ ވަނީ ބޯޑުން ވަކިކޮށްފިއެވެ.
ނަމަވެސް މި ބަދަލު ގެނައި ސަބަބެއް އަދިއެއް ނޭނގެއެވެ.
މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެނައިއިރު އެމްޑަބްލިޔުއެސްސީ ވެސް އޭގެ ތެރޭ ހިމެނެއެވެ.
އެގޮތުން ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް، ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި، ޙުސެއިން ފަހުމީ ވަނީ މިދިޔަ މަހުގެ 14ވަނަ ދުވަހު އައްޔަން ކުރައްވައިފައެވެ.
އެއީ އެ މަގާމުގައި ހުންނެވި، އަބްދުލް މަތީން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ސަބަބު ހާމަނުކުރައްވައެވެ.
އޭގެކުރިން ހަމަ މިދިޔަ މަހު، މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޝްވާން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.



