ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އާންމުން ރައްކާކޮށްފައިވާ ޑޮލަރު ބޭނުންކޮށްގެން ދައުލަތުގެ ދަރަނިތައް ދައްކަމުންދާކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި، ކަސްޓަމަރުންގެ ފައިސާ އެއްވެސް އިރެއްގައި ސަރުކާރަށް ދޫކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އެ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ދެއްވައިފިއެވެ.
ފާއިތުވި ސާޅީސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ބޭރުގެ ދަރަނީގެ ގޮތުގައި 974 މިލިއަން ޑޮލަރު އަދާކޮށްފައެވެ. މިއާއެކު، އެ ފައިސާއަކީ ޤައުމީ ބޭންކުގައި ހުރި އާންމުންގެ ޑިޕޮސިޓްތަކުން ނަގައިގެން ދައްކާފައިވާ ފައިސާކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ އެކަން ވަރަށް ބޮޑަށް ދޮގުކުރައްވާފައެވެ.
ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކަންމަތީ ބެލެހެއްޓުންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ޑިޕޮސިޓްގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ލޯނުގެ ގޮތުގައި ދޫކުރަނީ ގާތްގަނޑަކަށް ހަތްދިހަ އިންސައްތަ ކަމަށެވެ. އަދި ބޭންކުގެ ޑޮލަރު ލޯނުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަމިއްލަ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށްކަން އޭނާ ހާމަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ބޭންކިންގ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދެމުންދާކަން ޔަޤީންކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނިވެސް 600 މިލިއަނާ ގާތްކުރާ އަދަދަކަށް ޑޮލަރުން ލޯނު ދޫކޮށްފައިވާނެ ކަމަށެވެ. އަދި ހިނގަމުންމިދާ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރު 35 މިލިއަން ޑޮލަރު ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް އެ ދާއިރާއަށް އިންވެސްޓްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2021ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް މިދިޔަ އޭޕްރީލް މަހު ވަނީ ފައިސާ ދައްކާފައެވެ. މި ދަރަނި އަދާކުރުމަށް ސަރުކާރުން ބޭނުންކޮށްފައި ވަނީ ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާއެވެ. ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން މުއްސަނދިކުރާ އެސްޑީއެފްގައި ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާއިރު، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޤައުމީ ރިޒާވް ވަނީ ތާރީޚީ މިންވަރެއްކަމަށްވާ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ.



