އެމްޑީޕީގެ ވެރިކަމުގައި ކައުންސިލަރުން ހުވާކުރަން ޖެހުނީ ގޭބަންދުގައި ތިބެގެންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި މިއަދު ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަމުންދާ މި ދަނޑިވަޅާ ދިމާކޮށް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން މީގެ ފަސް އަހަރު ކުރީގެ ހަނދާންތައް އައު ކުރައްވަމުން މެމްބަރު ވިދާޅުވީ ކޮވިޑް ހުއްޖަތަކަށް ހަދައި އެމްޑީޕީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކޮންގްރެސް ޕާޓީގެ ކައުންސިލަރުންނަށް ހުވައިކުރައްވަން ޖެއްސެވީ ގޭބަންދުގައި ތިއްބަވައިގެން ކަމަށެވެ.
”ނަމަވެސް ކޮވިޑްގެ ނުރައްކާތެރި ހާލަތެއް އެއިރަކު ނެތް. ފުރަތަމަ ދަރުބާރު ބާއްވަން ދަރުބާރުގެ ވެސް ހަމަޖެއްސެވި. ފަހުން އެފުރުސަތު ވެސް އެމްޑީޕީ ސަރުކާރުން ބަންދުކުރި“ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ކައުންސިލަރުންނާއި މޭޔަރު ހުވާކުރުމަށް ސަރުކާރުން ހުރަސްއަޅާފައި ނުވާކަމަށާއި ކައުންސިލަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވިކަމަށް ޝުޖާއު ވިދާޅުވި އެވެ.
”މިއަދުގެ ރައީސަކީ އިއްޔެގެ މޭޔަރު. ހުވާކުރަން ގޭގައި ޖެއްސެވި މޭޔަރު. ތަފާތަކީ އެމޭޔަރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މާލޭގެ ރައްޔިތުންގެ ނިންމެވުމަށް އިޚްތިރާމް ކުރައްވައި މިނިޒާމަށް ދެއްވި ޚާއްޞަ އިސްކަން. ސަރުކާރުގެ ބެލުމުގެ ދަށުގައި މިފަދަ ދަރުބާރުތައް ބޭއްވުމަށް ފުރަމާލޭގައި މިވަގުތު ހުރި އެންމެ ފުރިހަމަ އިމާރާތުގައި މިބޮޑު ދަރުބާރު ބޭއްވުމަށް ދެއްވި ޚާއްސަ އިސްކަމެއް“ ޝުޖާއު ވިދާޅުވިއެވެ.
މި ހުރިހާކަމަކަށް ބަލާއިރު ލާމަރުކަޒީ ނިޒާމުގެ ހަގީގީ ޗެމްޕިއަނަކީ ރައީސް މުއިއްޒުކަމަށް ވިދާޅުވެ ޝުޖާއު ވަނީ މާލޭގެ އައު ކައުންސިލަށް މަރުހަބާ ވިދާޅުވެފައެވެ.


