ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
އަލްސަން މިއަދު ޕީއެންސީ އާ ގުޅިވަޑައިގެންފައިވާއިރު، ޕީއެންސީގެ ފަރާތުން އަލްސަންގެ މެމްބަރޝިޕް ފޯމާއި ޙަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަލްސަން އަކީ، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކުރެއްވި އެންމެ ހަނގު ބޭފުޅާއެވެ. އުމުރުން 26 އަހަރުގެ އަލްސަން އިންތިޚާބު ކާމިޔާބު ކުރެއްވީ މައި އިދިކޮޅު އެމްޑީޕީ އާއިި ވެރިކަންކުރާ ކޯލިޝަންގެ ކެންޑިޑޭޓުން ބަލިކޮށްގެންނެވެ.
އަލްސަންއަކީ އަމިއްލަގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުންގެ ތެރެއިން ވެރިކަންކުރާ ކޯލިޝަންއާ ގުޅުނު 9 ވަނަ މެންބަރެވެ. އަލަށް ޕީއެންސީއާއި ގުޅުނު އިންތިޚާބީ މެންބަރުންނާއި، ޕީއެންސީންގެ ފަރާތުން ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި 66 މެންބަރުންނާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޕީއެންސީ ތަމްސީލުކުރާނެ މެންބަރުންގެ އަދަދު މިހާރު ވަނީ 75 އަށް އަރާފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ. އެ މެންބަރުން ހުވާ ކުރެއްވުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.



