ތުރުކީގެ އިސްތަންބުލް ސިޓީގައި ހިނގި މާރާމާރީއެއްގައި 3 މީހެއް ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.
އިސްތަންބުލްގައި ހުންނަ ކެފޭއެއްގެ ތެރޭގައި ބުރާސްފަތި ދުވަހުގެ ރޭ 8:10 ހާއިރު ހިނގި މި މާރާމާރީ ހޫނުވެ، ބަޑިޖަހައި 3 މީހަކު މަރާލާފައިވާއިރު، އިތުރު 5 މީހަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާ ބަޑިޖަހަން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ރަޔަޓް ފުލުހުން ވަނީ އެސަރަހައްދަށް އައިސްފައެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް އައި އިރުވެސް 3 މީހަކު ވަނީ މަރުވެފައެވެ.
ޒަހަމްވި މީހުންނަށް މިވަގުތު އިސްތަންބުލްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާއިރު، ތުރުކީގެ ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުޤީގު ކުރަމުންނެވެ.
މި ހަމަނުޖެހުމުގައި މަރުވެފައި ވާ 3 މީހުންނަކީ ވެސް ތުރުކީއަށް ނިސްބަތްވާ 3 މީހުން ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.




