މިހާރު ދީފައިހުރި ވިލިމާލޭގެ މާރުކޭޓު ގޮޅިތަކުގެ އެއްބަސްވުންތައް ތިން މަސްދުވަހުގެ މުއްދަތަށް މިއަދު އިތުރުކޮށްފިއެވެ.
ވިލިމާލޭން ދީފައިހުރި މާރުކޭޓު ގޮޅިތަކުގެ މުއްދަތު މިދިޔަ އެޕްރީލު މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެ މުއްދަތު ހަމަވެފައިވިޔަސް، އެއްބަސްވުންތަކާ މެދު ގޮތެއް ނުނިންމީ އޮތީ، ނިމިދިޔަ ދައުރުގައި އެ ޖަލްސާތަކުގެ ކޯރަމް ހަމަނުވެގެން، ދެ މަސްދުވަހު ޖަލްސާތައް ނުބޭއްވި އޮތުމުންނެވެ.
މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް އެ އެއްބަސްވުންތަކާމެދު ގޮތެއް ނިންމަށް އެޖެންޑާކުރިއެވެ.
މިއަދުގެ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެއްބަސްވުން ހަމަވުމުން މީގެ ކުރިން އަމަލުކުރަމުން އަންނަ އާންމު އުސޫލަކީ، ބަރާބަރަށް ކުލި ދައްކާ މީހުންނަށް އާ އަހަރަކަށް މުއްދަތު އިތުރުކޮށްދިނުން ކަމަށެވެ.
ނަމަވެސް، މިއަދުގެ ޖަލްސާގައި ކައުންސިލަރުން ބޭނުންވީ، އެ ގޮޅިތަކުގައި ބައިވަރު މައްސަލަތަކެއް ހުރުމުން އެކަންކަން ހައްލުކުރަން އާ އުސޫލުތަކެއް އެކުލަވާލައިގެން، ބަރާބަރަށް ކުލި ދައްކާ މީހުންނަށް ވެސް ކުރިމަތިލެވޭގޮތަށް އަލުން ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލާށެވެ.
މިއަދުގެ ޖަލްސާގައި ފާސްވެފައިވަނީ، ކުރިއަށް އޮތް ތިން މަސްދުވަހަށް މިހާރުގެ އެއްބަސްވުންތައް ދެމެހެއްޓުމަށާއި އޭގެ ފަހުން، އަލުން އިއުލާންކޮށްގެން އާ އެއްބަސްވުންތަކެއް ހެދުމަށެވެ. އަދި އަލުން އިއުލާންކުރާއިރު ދޭނެ އަގުތަކާއި ގޮޅިތަކާއި ގުޅޭ އާ އުސޫލުތަކެއް ތައްޔާރުކުރުމަށް ވެސް ވަނީ ފާސްވެފައެވެ.
ވިލިމާލޭގެ މާރުކޭޓު ގޮޅިތައް މިހާރު ކުއްޔަށް ހިފާފައިވާ މީހުން އެތަންތަން ބޭނުންކުރަމުންދާ ގޮތާ ގުޅޭ ގޮތުން އެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.




