ވިއެޓްނާމުގެ ވެރިރަށް ހަނޯއީގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހިނގި ވަރުގަދަ ގޮވުމެއްގައި 6 މީހުން މަރުވެ، އިތުރު 10 މީހުން ޒަހަމްވެއްޖެއެވެ.
އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ ވީއެން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8 ޖެހި އެހައިކަންހާއިރު، ޑޮންގްޑާ މަގުގައި ހުންނަ ކާއެއްޗެހި ވިއްކާ ފިހާރައެއްގައެވެ.
މި ގޮވުމުގެ ސަބަބުން އެ ފިހާރަ ހިންގަމުންދިޔަ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
ވިއެޓްނާމުގެ އާންމު ރައްކާތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އިބްތިދާއީ ތަހުގީގުތަކުން ދައްކަނީ މި ހާދިސާ ހިނގަން މެދުވެރިވީ ކައްކާ ގޭސް ލީކުވެ ގޮވުމުގެ ސަބަބުން ކަމަށެވެ. އަދި ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ކައިރީގައިވާ ހަސްފަތާލުތަކަށް ގެންގޮސްފައެވެ.



