އިންޑިއާގެ ޓެލެވިޒަން ބަތަލާ ޝިލްޕާ ޝިންޑޭ ޖިންސީ ފުރައްސާރައިގެ ދޮގު ތުހުމަތުތަކެއް ކުރި ކަމަށް އަމިއްލައަށް އެއްބަސްވުމާ ގުޅިގެން، އެ ބަތަލާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސިނެމާ މަސައްކަތްތެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
މަޝްހޫރު ޑްރާމާ ސިލްސިލާ ”ބާބީޖީ ގަރް ޕަރް ހޭ“ގެ ޕްރޮޑިއުސަރު ސަންޖޭ ކޯލީގެ މައްޗަށް ޖިންސީ ގޯނާގެ ދޮގު އިލްޒާމްތަކެއް އުފުލި ކަމަށް ޝިލްޕާ ވަނީ މީގެ ދެ ދުވަސް ކުރިން އިއުތިރާފުވެފައެވެ. އޭނާ އެކަން ކުރީ އެއިރު މަސައްކަތް ކުރުވާފައި، މުސާރަ ދިނުން ލަސްވުމާ ގުޅިގެން ކަމުގައި ވެސް ޝިލްޕާ ބުނެފައިވެއެވެ.
ޝިލްޕާގެ މި އިއުތިރާފާއެކު އޯލް އިންޑިއާ ސިނެ މަސައްކަތްތެރިންގެ ޖަމިއްޔާ (އޭއައިސީޑަބްލިއުއޭ) އިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން ޝިލްޕާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަހަރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވޭންދްރާ ފަޑްނާވިސްގެ ކިބައިންވެސް އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ. އިންސްޓަގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި އޭއައިސީޑަބްލިއުއޭއިން ބުނެފައި ވަނީ، ޕްރޮޑިއުސަރު ސަންޖޭ ކޯލީގެ މައްޗަށް ކުރި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ޝިލްޕާ އެއްބަސްވުމަކީ ބޮލީވުޑާއި ޓީވީ އިންޑަސްޓްރީއަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
”ޖިންސީ ގޯނާގެ ދޮގު އިލްޒާމެއް އެޅުވުމަކީ އެމީހެއްގެ އަބުރާއި، އާއިލާއާއި، ދަރިންނާއި، ކެރިއަރާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް. މިފަދަ ތުހުމަތުތަކުގެ ސަބަބުން ކުށެއް ނެތް މީހެއްގެ އަބުރު ދާއިމަށް ކިލާވެ، އެމީހެއްގެ ގާތްތިމާގެ މީހުންނަށް ވެސް އޭގެ ހިތްދަތި އަސަރުތައް ކުރޭ،“ އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން، ގަސްތުގައި ދޮގު އިލްޒާމްތައް އެޅުވުމަކީ ހަގީގީ އަނިޔާ ލިބޭ މީހުން އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށާއި، މީގެ ސަބަބުން ހަގީގީ ޝިކާރައަކަށްވާ މީހުންގެ ވާހަކަތަކާ މެދު މުޖުތަމައުގައި ޝައްކު އުފެދޭނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ހުރިހާ އަންހެނުންނަކީ ދޮގު އިލްޒާމް އަޅުވާ ބައެއް ނޫން ކަމަށާއި، ފިލްމީ ދާއިރާގައި ހަގީގަތުގައި ވެސް ގޯނާ އާއި ފުރައްސާރައާ ކުރިމަތިލާންޖެހޭ އެތައް ހާސް އަންހެނުންނަށް އިހުތިރާމާއި އިންސާފު ލިބެންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވީ، ކޮމެޑީ ތަރިން ކަމަށްވާ ބާރްތީ ސިންގް އާއި ހާރްޝް ލިމްބާޗިޔާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، މީގެ 10 އަހަރު ކުރިން ސަންޖޭ ކޯލީއާ ދެކޮޅަށް ހުށަހެޅީ ދޮގު މައްސަލައެއް ކަމަށް ޝިލްޕާ އިއުތިރާފުވުމުންނެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ޝިލްޕާގެ މި ދޮގު ތުހުމަތުގެ ސަބަބުން ޕްރޮޑިއުސަރު ސަންޖޭއަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އަސަރުކޮށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އޭނާ އެފަދަ ކަމެއް ނުކުރާނެކަމަށް އެއިރު ގަބޫލު ކުރީ ހަމައެކަނި އޭނާގެ އަންހެނުން ކަމުގައި ސަންޖޭ ވަނީ ބުނެފައެވެ.




