ދިވެހިރާއްޖޭގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަން ސީދާ ގޮތެއްގައި ގުޅިފައިވަނީ ކަނޑުތަކުގެ ދިރުމާ ކަމަށްވުމުން، ކަނޑުތައް ހިމާޔަތްކުރުމަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން ބުނެދެނީ ދުޅަހެޔޮ ކަނޑުތަކަކީ އާންމު ދިރިއުޅުށާއި ދުނިޔޭގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ސަރުކާރުން ކުރިއަށްދާނީ ޒަމާނީ އަދި ދުރާލާ ރޭވިފައިވާ ސިޔާސަތުތަކަކާއެކު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކަނޑުތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކެއް ރައީސް ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމާއި، ކަނޑުތަކުގެ ދިރާސާތައް އިތުރަށް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބަލައި މޮނިޓަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ގެއްލުންވަމުންދާ މުރަކައިގެ ބަގީޗާތައް އިއާދަކޮށް ދިރުވުމަށް ކުރެވޭ މަސައްކަތްތަކާއި، ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް މޫސުމީ ބަދަލުތަކަށް ކެތްކުރެވޭނެ ފަދަ ނިޒާމުތައް ބިނާކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުތަކުގެ ފިނިހޫނުމިން މަތިވުމާއި، މުރަކަތައް ހުދުވުމުގެ (ކޮރަލް ބްލީޗިން) މައްސަލައާއި، ރަށްގިރުމުގެ ނުރައްކާ ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކަނޑުތައް ހިމާޔަތްކުރުމަށް މިހާރަށްވުރެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މިކަމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



