ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ސާބިތުކަމާއެކު ހުންނެވި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ހަތް މަހަކީ ދުނިޔޭގެ މަސްރަހު އޮތް ގޮތުންނާއި އިގްތިސާދީ ގޮންޖެހުންތަކާ ހުރެ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ދުވަސްތަކެއް ކަމަށެވެ. އަދި ސިއްހީ ސަބަބުތަކަށްޓަކައި މަހެއްހާ ދުވަހު މަސައްކަތާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ، އެފަދަ މުހިންމު މަގާމެއްގައި ހުންނަވައިގެން ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މި ވަގުތު ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް ސިއްހީ ގޮތުން ހާޒިރުވެދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ. އެއީ ޕާޓީއަށް އަޅުގަނޑު ކޮށްދެވޭ ރަނގަޅު ކަމެއް ނޫން،“ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ މަގާމަކީ ކޮންމެ ދުވަހަކު އެސް.ޓީ.އޯ އާއި އެހެނިހެން މުއައްސަސާތަކާ ގުޅައިގެން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް ތަންފީޒުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ މަގާމެއް ކަމަށެވެ. އެހެންކަމުން، ގާބިލު ބޭފުޅުން ތިއްބެވުމާއެކު އެ ފުރުސަތު އެ ބޭފުޅުންނަށް ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރާއި ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޒަމީރު ވިދާޅުވީ އޭނާ ހުންނެވީ ރައީސް މުއިއްޒާ އެކު ވަރަށް ”ގަދަކޮށް“ ކަމަށެވެ. އަދި ޕާޓީގެ މަސައްކަތްތަކުގައާއި، އިންތިހާބުތަކުގައި ޕާޓީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް އެހީތެރިކަން ދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ޒަމީރު އެރުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، އަމާޒަކީ ރައީސް މުއިއްޒު ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްގައި ބައިވެރިވެ، މި ސަރުކާރުގެ ފިކުރު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.




