ދިވެހިންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކްގެ ލައިވްއެއްގެ ތެރެއިން މީހަކު ބަރަހަނާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ލައިވް ވީޑިއޯއެއްގެ ތެރެއިން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ބަރަހަނާވެފައިވަނީ، މީގެ ކުރިން އިސްލާމްދީނަށް ފުރާއްސާރަކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ހޯދުމަށް އިއުލާންކޮށްފައިވާ ދިވެހި ފިރިހެނެއް ކަމަށްވާ އަހުމަދު އާމިރު (ބޫގާ) އެވެ.
މި ވީޑިއޯގެ ކްލިޕްތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ބަރަހަނާ ދައްކަމުން ދިޔައިރު އެ ވަގުތު އޭނާއާއެކު ލައިވްގައި ތިބި އެހެން ބައެއް ބައިވެރިން، އެ އަމަލު ހުއްޓުވުމުގެ ބަދަލުގައި، ހަށިގަނޑުގެ ބައިތައް ދެއްކުމަށް ބުނެ އޭނާއަށް ހިތްވަރުދީ، މަޖާ ނަގަމުންދިޔައެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ ޓިކްޓޮކް މާހައުލަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، މިއީ ހަމައެކަނި އެކަކު ބަރަހަނާވި މައްސަލައެއް ނޫނެވެ. މިއީ މުޅި ދިވެހި ޓިކްޓޮކް މުޖުތަމައު ފަސާދަވެ، އޮޔާގޮސްފައިވާ މިންވަރު ހާމަކޮށްދޭ ދަލީލެކެވެ. މަޝްހޫރުކަމާއި ވިއުސް ހޯދުމުގެ ދަހިވެތިކަމުގައި، ދިވެހިންގެ އުޅުމާއި، ވާހަކަދައްކާ ރާގާއި، އަދި ހަރަކާތްތެރިވާ ގޮތްވެސް މިހާރު މިވަނީ ބަދަލުވެފައެވެ.
މީގެ ކުރިން ދިވެހި ޓިކްޓޮކަކީ ހުނަރުވެރި ފަންނާނުންތަކެއް ފެނިގެންދިޔަ، އެކުވެރިކަމާއި މަޖާ މާހައުލެއް އޮތް ތަނެކެވެ. ކުރީގެ މަޝްހޫރު ކްރިއޭޓަރުން އެކުގައި ގްރޫޕް ހަދައިގެން ތަންތަނަށް ގޮސް، އުފެއްދުންތެރި ވީޑިއޯތައް ހަދާ އުޅުނެވެ. ނަމަވެސް، މިއަދު އެ މަންޒަރެއް ނުފެނެއެވެ.
މިއަދު ފެންނަނީ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފޮށުމާއި، އަދި ހަސަދަވެރިކަމެވެ. އެކަކު ނަށާ ގޮތް ކޮޕީކޮށްގެން ނުވަތަ ޒާތީ ކަންކަމާ ބެހިގެން ގޮސް، އެންމެ ފަހުން މަގުމަތީގެ ބޮޑެތި މާރާމާރީތަކާ ހިސާބަށް ކަންތައްތައް ވަނީ ގޮސްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިހާރު ޓިކްޓޮކްގައި އެއްވެސް ކަހަލަ އުފެއްދުންތެރި ހުނަރެއް ނުފެނެއެވެ.
މި ބިރުވެރި އަދި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމަށް ހައްލެއް އެބައޮތް ބާއެވެ؟ ޓިކްޓޮކްގައި ކުރިން އޮތް އެކުވެރިކަމާއި ސާފު މާހައުލު އަލުން އަތުވެދާނެ ބާއެވެ؟
މިކަމަށް އޮތް ހައްލަކީ ހަމައެކަނި ފުލުހުން ފިޔަވަޅު އެޅުމެއް ނޫނެވެ. ލައިވްތަކަށް ވަދެ، ހަޑިހުތުރު ކަންކަން ކުރަން ބުނެ ”ހިތްވަރުދޭ“ ބެލުންތެރިން (Viewers) ވެސް ރޭޓިންއާއި މަޖަލަށްޓަކައި ގައުމުގެ އަހުލާގީ ފޭރާން ވީދާލުން ހުއްޓާލަންޖެހެއެވެ. އަދި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން އަމިއްލައަށް އިސްނަގައި، ހަޑިހުތުރު ބަސްތަކާއި އަވަގުރާނަ ގޮވާ އެކައުންޓްތައް ރިޕޯޓްކޮށް، ”ބޯއިކޮޓް“ ކުރަންޖެހެއެވެ.
ނޫންނަމަ، މި ސުވާލުތައް ހަމައެކަނި ސުވާލުތަކެއްގެ ގޮތުގައި ދެމިއޮވެ، މުޖުތަމައު އިތުރަށް ފަސާދަވުން ނޫން ކަމެއް ނުވާނެއެވެ.



