ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާގެ ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް އާއި ކްރޮސްރޯޑްސް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގަރއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ 2026 ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ކުރީސަފުގައި ރާއްޖެއަށް ލިބިފައިވާ މަޤާމާއި ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. މި ހަފްލާގެ ސަބަބުން އޭޝިއާ، ޕެސިފިކް، އޮސްޓްރޭލޭޝިއާ އަދި އިންޑިއަން އޯޝަން ސަރަޙައްދުގެ މުހިންމު ހިއްސާދާރުން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، ބައިނަލްއަގަވާމީ ފެންވަރުގައި މިހާ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ރަސްމިއްޔާތެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
2026 ވަނަ އަހަރުގެ އެވޯޑް ހަފްލާ ރާއްޖެއަށް ގެނައުމުގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެއްބާރުލުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.



