ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) ގައި ނުނިމި ގިނަ ދުވަސްވެފައިވާ ގިނަ މައްސަލަތަކެއް މިހާރު ނިމިފައިވާ ކަމަށާއި އަމާޒަކީ އެފަދަ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެންއައިސީ އަކީ، ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސަރވިސް ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ ތަންތަނުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، އެ ފަރާތްތަކުން ހިންގާ ޤަވާއިދާ ޚިލާފު އަމަލުތަކާއި އިންސާނީ ޙައްޤުތަކަށް އުނިކަން އަންނަ މައްސަލަތައް މިނިވަންކަމާއެކު ތަޙުޤީޤު ކުރުމުގެ ބާރު ލިބިގެންވާ، ކޮމިޝަނެކެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެންއައިސީގެ ނައިބުރައީސް ފާތިމަތު ޝަރީފް ވިދާޅުވީ، އެކޮމިޝަނަށް ހުށަހެޅޭ ބައެއް މައްސަލަތައް ނުނިމި ގިނަދުވަސްތަކެއް ނަގާ ކަމަށާއި، އެކަމުގެ ސަބަބުން މައްސަލަތަކުގައި އެންމެ އެދެވޭ ނަތީޖާ ނުނެރެވޭ ކަމަށެވެ. އަދި މިހާރުވެސް ބެކްލޮގުގައި މައްސަލަތަލެއް ނުނިމި އެބަހުރި ކަމަށެވެ. އަދި މި މައްސަލަތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
”ގިނަ ދުވަސްވުމުގެ ސަބަބުން މައްސަލަތަކުގައި އެދެވޭ ނަތީޖާ ހޯދުމަށް ވަރަށް ދަތިވޭ. ކުރިޔަށް އޮތްތާގައި އެކަން އެހެން ވިޔަ ނުދޭން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިމަސް ފެށުނުއިރު އަޅުގަޑުމެންނަށް ނިންމާލެވިއްޖެ 2018، 2019، 2020 2021 އަދި 2022އާ ހަމަޔަށް ބެކްލޮގުގައި ހުރި މައްސަލަތައް. އަދި މިމަސް ނިމޭއިރަށް 2023 ގައި ހުރި މައްސަލަތައް ވެސް ނިންމާލެވޭނެ އަދި މިއަހަރު ނިމެންވާއިރަށް 2024 ވެސް ނިންމާލެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ބެކްލޮގް ކްލިއާ ކުރެވުނީމަ އޭގެފަހުން ދެން ބެކްލޮގުގައި 6 މަހަށްވުރެ ގިނަ ދުވަސްވާ މައްސަލައެއް ނުބެހެއްޓުން“ ފާތުމަތު ޝަރީފް ވިދާޅުވިއެވެ.
އެންއައިސީގެ ނައިބުރައީސާ ފާތިމަތު ޝަރީފް ފާހަގަކުރެއްވި ގޮތުގައި މައްސަލަތައް ދިގުލައިގެން ދިޔައީ ކުރުމުއްދަތެއްގެ ތެރޭގައި މުވައްޒަފުން ބަދަލުވުމުންނެވެ.
އެންއައިސީގެ ސެކެޓްރީ ޖެނެރަލް ނަފްހާ ހުސައިން ވިދާޅުވީ، މައްސަލަތައް ބެކްލޮގްވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކޮވިޑުގެ ހާލަތާ ކުރިމަތިވުމުން އެކޮމިޝަނުގެ މަސައްކަތުގެ ވައްޓަފާޅިއަށް ގެންނަން ޖެހުނު ބަދަލުތައް ހިމެނޭ ކަމަށެވެ.
”ގިނަ މައްސަލަތަކެއް ބެކްލޮގްވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އެބަ ހިމެނޭ ކޮވިޑުގެ ހާލަތާއި ކުރިމަތިވުން. އެހާހިސާބުންވެސް ވަރަށް ބޮޑުވެގެން ދިޔަކަން ފާހަގަކުރެވުނު. ކުރިން އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔަ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް އައިސްގެންދިޔަ އެއީ ހަމަ ވަން އޮފް ދަ ރީޒަންސް ހަމަ އެހާ ބޮޑު ބެކްލޮގެއް އޮތުމުގައި“ ސެކެޓްރީ ޖެނެރަލް ނަފްޙާ ވިދާޅުވިއެވެ.
އެންއައިސީން މައިގަނޑު ގޮތެއްގައި މައްސަލަތައް އަންނަ ފުލުހުންގެ މުވައްސަސާއާއި، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމިގްރޭޝަނުން މައްސަލަތައް ބެލުމުގައި ކުރިއާ ޚިލާފަށް ފުރިހަމަ އެއްބާރުލުން މިހާރު ލިބޭކަން އެންއައިސީންވަނީ ފާހަގަކުރައްވާފައެވެ.



