މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލުގެ އިންތިހާބުގައި ހިމެނޭ ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރަން ނިންމި ނިންމުން، ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ވޯޓު ކަރުދާހުގައި ތިކިތަކެއް ހުރެގެން މައްސަލަ ބޮޑުވެފައިވަނީ ވޭވަށު ކައުންސިލުގެ ރައީސްގެ އިންތިހާބެވެ. އެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅީ ދެލިތިކިތަކެއް ހުރި ތިން ވޯޓެއް ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ.
ކޮމިޝަނުން ބުނެފައިވަނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ބާތިލް ނުވާނެ ކަމަށެވެ. އެހެންވެ، ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށެވެ.
ނަމަވެސް އެ މައްސަލަ ނަޒީހުގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުން ކުރިން ނިންމީ އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑަައެޅިއެވެ.
ހައި ކޯޓު ހުކުމްގައި އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށް ކަނޑައެޅުމުން އިންތިހާބުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ. އެހެންވެ، އެ ހުކުމް އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޗާޕްކުރާ ވޯޓު ކަރުދާސްތަކުގައި ހުންނަ ދެލި ނުވަތަ ކުނޑިތަކަކީ އެއްކޮށް ނައްތާލުން މުސްތަހީލް ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނާއި ޕްރިންޓްކުރާ ފަރާތުން ބުނެފައިވާ ކަމަށާއި އަދި އެފަދަ ތިކި ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލް ކުރަން ވެއްޖެނަމަ، އެއީ ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ބާތިލް ކުރަން ހުޅެވޭ ދޮރެއް ކަމަށް އެ ހުކުމުގައިވެއެވެ.


