މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް އިމިގްްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދަށް އެނގޭކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ، މިމަހުގެ 9 ވަނަ ދުވަހު ޝަމްއާން މީޑިއާތަކާ ބައްދަލުކޮށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ފުލުހުން ބުނީ، ޝަމްއާންއާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، 2025 މާރިޗު 21 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން، އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައިވާކަން ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. އެއަށް ފަހު، މައްސަލައިގެ ތަހުގީގުގެ އަދާހަމަ އެކިފަހަރުމަތިން މީޑިއާތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލު ހާމަކުރުމަށް 2025 މޭ 13 ވަނަ ދުވަހު މީޑިއާ ބްރީފިންގެއް ބޭއްވިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
”މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް މުޙައްމަދު ޝަމްއާން ވަޙީދަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ. މި އޮޕަރޭޝަން 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ޝަމްއާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަންވެސް ތަހުގީގަށް ވަނީ އެނގިފަ“ ފުލުހުންގެ ބަޔާނުގައިވެއެވެ.
މި މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ، އެ މައުލޫމާތު ޝަމްޢާނަށް ދީފައިވާ ކަމަށާއި އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން، ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވާ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
”ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި. މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް މުޙައްމަދު ޝަމްޢާން ވަޙީދާ ގުޅާފައިވާކަން ވެސް ވަނީ އެނގިފަ. މިކަމަށް އެއްބަސްވެފައިވަނީ 500،000 (ފަސްލައްކަ) ދިވެހި ރުފިޔާއަށް. މީގެއިތުރުން، ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްޢާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާކަން ތަހުގީގަށް ވަނީ ހޯދިފަ. އެމީހުން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00 ހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން. އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެމީހުން އެ އިމާރާތުން ނުކުތްއިރު، އެމީހުންގެ އަތުގައި އެ ފައިސާ ކޮތަޅެއް ނެތް. އަދި ޖެހިގެން އައި 2025 މާރިޗު 13 ވަނަ ދުވަހު، މުޙައްމަދު ޝަމްޢާން ވަޙީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259،837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވޭ“ ފުލުހުން ބުނެފައިވެއެވެ.
މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ވެސް ބުނެފައިވެއެވެ.
މީގެއިތުރުން މުޅި ތަހުގީގުގެ މަރުހަލާގައާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްޢާން ދީފައިނުވާ ކަމަށާއި އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ޖޫން މަހުގެ 9 ވަނަ ދުވަހު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި 2025 ޑިސެމްބަރ 25 ވަނަ ދުވަހު ޝަމްޢާން ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.



