ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކާ ސަރަހައްދުގައި އަޅާފައި ތިބި ސަފާރީތައް، އެ ސަރަަހައްދުން ނަގަން އަންގައިފި އެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކޮޅުވެއްޓިތައް އެސަރަަހައްދަށް ވަންނަ އިރު ސަފާރީތަކަށް ގެއްލުންވެ، ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ހިނގާފައިވާ ކަމަށެވެ. އެހެންކަމުން މުސްތަގުބަލުގައި އެފަދަ ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުން ސަފާރީތައް ނެގުމަށް އަންގާ ކަމަށެވެ.
އެޗްޑީސީއިން އިން ވަނީ، މި މަހުގެ 30ވަނަ ދުވަހުގެ ކުރިން ބިން ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަން އަންގާފަ އެވެ. އަދި 30ވަނަ ދުވަހުގެ ފަހުންް އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުންވެސް އެޗްޑީސީން ވަނީ މަނާކޮށްފަ އެވެ.
ހުޅުމާލެ ފޭސް- 2ގެ އިތުރުން ފޭސް-3ގައި ވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާއިރު، މަސައްކަތަށް ދަތި ވާގޮތަށް އެ ސަރަަހައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގަނީ، އޭގެ ސަބަބުން މަސައްކަތް ހުއްޓިއްޖެ ހާލަތެއްގައި އެ ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއްވެދާނެތީ، ކުރިޔާލާ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.



