ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވެއްޖެއެވެ.
ތިން ރަތް ކާޑު ފެނިގެންދިޔަ މި ފޯރިގަދަ މެޗު ކުޅެވުނީ މެކްސިކޯގެ ތާރީހީ އަޒްޓެކާ ސްޓޭޑިއަމްގައެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނު އަޒްޓެކާ ސްޓޭޑިއަމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވަރަށް ހާއްސަ ދަނޑެކެވެ. މިއީ ވޯލްޑް ކަޕްގެ ތިން މުބާރާތެއްގެ މެޗުތައް ބޭއްވުނު ފުރަތަމަ ސްޓޭޑިއަމްއެވެ. މީގެ ކުރިން ޕެލޭ އާއި މަރަޑޯނާ ފަދަ ފުޓްބޯޅައިގެ ލެޖެންޑުން ވޯލްޑް ކަޕް ކާމިޔާބުކުރި މި ދަނޑުގައި މިރޭ ވަނީ އިތުރު ތާރީހީ ރެކޯޑުތަކެއް ގާއިމުކުރެވިފައެވެ.
މެޗު ފަށައިގެން މެކްސިކޯއިން މޮޅަށް ކުޅެމުންދިޔައިރު، މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި މުބާރާތުގެ ފުރަތަމަ ލަނޑު ޖެހުމުގެ ޝަރަފު ހޯދީ މެކްސިކޯގެ ހޫލިއަން ކިނިއޮނޭސް އެވެ. ފުރަތަމަ ހާފުގައި މެކްސިކޯއަށް އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފު ފަށައިގެން ފަސް މިނެޓު ނުވަނީސް ސައުތު އެފްރިކާގެ ޑިފެންޑަރަކަށް ރަތް ކާޑު ދެއްކުމުން އެޓީމު އެއް ކުޅުންތެރިއަކު މަދުވިއެވެ.
މެކްސިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރާއުލް ހިމެނޭޒް އެވެ. އޭނާ މި ލަނޑު ޖެހީ އަލްވަރާޑޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ސައުތު އެފްރިކާގެ ތެމްބާ ޒްވާންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެކްސިކޯގެ އަލްވަރާޑޯއަށް ބޯޅަ ނެތީސް ދިން ހަމަލާއަކާ ގުޅިގެންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މެކްސިކޯގެ މޮންޓޭޒަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ބޭރުން ސައުތު އެފްރިކާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.



