ކަނޑުމަތީގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފު، ރަސްމީ އިއްޒަތުގައި ރޭ ވަޅުލައިފިއެވެ.
އއ. އަތޮޅުގައި އިއްޔެ ރޭ ދަންވަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހަރަކާތްތެރިވި ”ޕޮލިސް ލޯންޗް 57“ އިން އާސިފް، 33، ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި ނިޔާވެފައި އޮއްވައެވެ.
އެއަށްފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސް އިޝާ ނަމާދަށްފަހު ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަސްމީ އިއްޒަތުގައި އާސަހަރާގައި ވަނީ ވަޅުލައިފައެވެ.
ފުލުހުންގެ ހިދުމަތުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އާސިފު ވަނީ އެ އިދާރާގެ މުހިއްމު އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެ، މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އާސިފް ނިޔާވިއިރު މަސައްކަތްކުރައްވަމުން ގެންދެވީ ޑްރަގް އެންފޯސްމަންޓް/ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަންސްގެ އޮޕަރޭޝަންސް ޓީމް ލީޑަރެއްގެ މަގާމުގައެވެ.
އާސިފް ނިޔާވިއިރު އަތްބަކާއި ފިރިހެން ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.



