ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، (މެޓް އޮފީހުން) ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ރީނދޫ ސަމާލު ނެރުނީ ބ. އަތޮޅުން ވ. އަތޮޅަށެވެ.
ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު17:00 އަށެވެ.
މެޓުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުމާ އެކު ވައިގަދަވާނެއެވެ. އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނޅަގުން ދެކުނުގެ އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން އިތުރަށް ބުނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.



