މިދިޔަ ހަފްތާގެ ބުދަ ދުވަހު ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްކިރުވި 11 ދޯންޏަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ބުދަ ދުވަހު މަސް ކިރުވި 11 ދޯންޏަކަށް ޖުމްލަ 254,880 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 10 ދޯންޏަކަށް ދޫކުރި 229,325 ރުފިޔާއާއި، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯންޏަކަށް ދޫކުރި 280 ރުފިޔާއެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ހަތަރު ދޯންޏަކަށް 25,275 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން އިއްޔެވެސް ވަނީ ރާއްޖޭގެ އަށް ބަނދަރަކުން މަސްގަނެފައެވެ. އެ ބަނދަރުތަކުގެ ތެރޭގައި ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ޏ. ފުވައްމުލައް، ހުޅުމާލެ އަދި ހއ. އިހަވަންދޫ ބަނދަރު ހިމެނެއެވެ.
މިހާރު މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު އަންނަނީ އެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.



