މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ވޯޓުގެ ސައްޙަކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
ޚާއްޞަކޮށް، ދެ ރަށެއްގައި ބެހެއްޓި ވޯޓުފޮށި ފަޅާލުމާއި، ވޯޓުފޮށި ގެއަށް ގެންގޮސްގެން ވޯޓުލީ ކަމަށް ބުނާ ސީރިއަސް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނިކޮށް، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލާފައިވާއިރު، އެ ރަށުގެ ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން، ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ހުރި ވޯޓްފޮށި ވެސް ރައީސް ނަޝީދުގެ ސަޕޯޓަރުންތަކެއް ވަނީ ފަޅާލާފައެވެ.
މި ހަމަނުޖެހުންތަކާ އެކުވެސް، ބައެއް ރަށްރަށުގައި ފަޅާލާފައި ހުރި ވޯޓްފޮށިތަކަށް ވެސް ދަނީ ވޯޓް އަޅަމުންނެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވި ގޮތުގައި، ފީއަލީގައި ވޯޓްލާން ބޭނުންކުރަމުންދަނީ އެ ފޮއްޓާ ހަވާލުވެ ހުރި އޮފިޝަލް އަމިއްލައަށް ހަދާފައިވާ ލިސްޓެކެވެ. އެ ލިސްޓުން މީކާއީލަށް ތާއީދުކުރާ މީހުންގެ ނަންތައް އުނިކޮށް، ރައީސް ނަޝީދަށް ތާއީދުކުރާ މީހުންގެ ނަންތައް ހިމަނާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”އެ އޮފިޝަލް ވަނީ ވޯޓްފޮށި އޭނާގެ ގެއަށް ވެސް ގެންގޮސްފައި. އަދި އެގޭގައި އޭނާ ބޭނުންވި ގޮތަށް ވޯޓްގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައި،“ މީކާއީލް ފާހަގަކުރެއްވިއެވެ.
މިއީ އެމްޑީޕީގެ އިންތިޚާބެއްގައި މިފަދަ ކަންކަން ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް އުވަ ދޯންޏަކާއި ކޮންކުރީޓް މެޝިން ފަދަ ތަކެއްޗަކީ ވޯޓްފޮށި ކަމަށް ބަލައި ވޯޓް އަޅާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
މިއަދުގެ އިންތިޚާބުގައި ހިނގާދިޔަ މި ހަމަނުޖެހުން ތަކުގެ ސަބަބުން، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމުގެ މާ ކުރިން، މި ވޯޓުގެ ސައްޙަކަމާއި މިނިވަންކަމާމެދު ޕާޓީގެ އާންމު މެންބަރުންނާއި ކެންޑިޑޭޓުންގެ މެދުގައި މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.



