އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމަށް ދިން ވަގުތު ހަމަވުމުން ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން މިރޭ 21:00 އަށް ނިންމާލާފައިވާއިރު، އެމްޑީޕީއިން ބުނީ މި އިންތިހާބުގައި ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށިތަކާއި ގުޅިގެން ލިބުނު ޝަކުވާތަކަށް ބަލާ އެ ވޯޓު ފޮށިތައް ނުގުނަން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ މި އިންތިހާބާއި ގުޅިގެން ޖުމުލަ 3 ޝަކުވާއެއް ލިބުނު ކަމަށާއި އޭގެ ތެރޭގައި ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށިތަކާއި ގުޅިގެން ހުށަހެޅި ޝަކުވާ ހިމެނޭކަމަށެވެ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮއްޓަށް ގެއްލުންދީ ހަލާކުކޮށްލާފައިވާއިރު ފީއަލީގެ ވޯޓު ފޮށި ވަނީ ވޯޓުލާ މަރުކަޒުން ބޭރުކޮށްގެން ގެންގޮސްފަ އެވެ.
މުއިއްޒު ވިދާޅުވީ ފ. ބިލެއްދޫގައި ބެހެއްޓި ވޯޓު ފޮއްޓާއި ގުޅިގެންވެސް ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ޝަކުވާއާއި ގުޅިގެން ގޮތެއް ނުނިންމާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން ފިޔޯރީ އާއި ފީއަލީގައި އިތުރު ބުރެއްގެ ވޯޓުލުން ކުރިއަށް ގެންދާނެތޯ ސުވާލުކުރުމުން މުއިއްޒު ވަނީ އެކަމާ އަދި އިންތިހާބު ކޮމިޓީން ގޮތެއް ނުނިންމާކަމަށް ވިދާޅުވެފައެވެ.




